ސަރުކާރުގެ ހަރަދުގައި 15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ހޯދަމުން ދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަން ކޮށްދޭނެ ބައެކެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި އުސޫލުގެ ދަށުން ހައުސިންގް ޔުނިޓް އިމާރާތްކުރާ 15 ރަށާއި އަދަދުތައް:
– ހއ. އިހަވަންދޫ- 100 ހައުސިން ޔުނިޓް
– ހދ. ނެއްލައިދޫ- 60 ހައުސިން ޔުނިޓް
– ހދ. މަކުނުދޫ- 100 ހައުސިން ޔުނިޓް
– ނ. ކެނދިކުޅުދޫ- 100 ހައުސިން ޔުނިޓް
– ރ. މަޑުއްވަރީ- 100 ހައުސިން ޔުނިޓް
– ރ. އިނގުރައިދޫ- 100 ހައުސިން ޔުނިޓް
– ބ. ތުޅާދޫ- 100 ހައުސިން ޔުނިޓް
– ޅ. ހިންނަވަރު- 100 ހައުސިން ޔުނިޓް
– މ. ދިއްގަރު- 75 ހައުސިން ޔުނިޓް
– ތ. ވިލުފުށި- 100 ހައުސިން ޔުނިޓް
– ގދ. ގައްދޫ- 100 ހައުސިން ޔުނިޓް
– ސ. ހުޅުދޫ- 100 ހައުސިން ޔުނިޓް
– ސ. މަރަދޫ- 100 ހައުސިން ޔުނިޓް
– ސ. މަރަދޫފޭދޫ- 100 ހައުސިން ޔުނިޓް
– ސ. މީދޫ- 100 ހައުސިން ޔުނިޓް
ފިނޭންސްގެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި ޔުނިޓުތައް އިމާރާތް ކޮށްދޭން ހުށަހަޅާއިރު، ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.



