ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ޙިއްޞާކުރައްވައިފިއެވެ.
އެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައީސްއާ ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައެވެ.
އެ ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢޫތަކުގެ އަދާހަމަ މަޢުލޫމާތުވެސް ރައީސްއާ ޙިއްސާކުރައްވައި މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެެއްވުމުގައި އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރްޑީސީ، އެމްޓީސީސީ، އަދި އެމްޑަބްލިޔުއެސްސީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތާރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށް ބާރުއަޅުއްވާފައެވެ.



