ސެންޓްރަލް ރީޖަންގެ 3 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ.
އާރްޑީސީން މިރޭ ކުރި ޕޯސްޓެއްގައި ތިން ރަށެއްގެ މަޢުލޫމާތު ހިއްސާކޮށް ބުނީ އެއީ ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މި ވަގުތު ހިންގަމުންގެންދާ މަސައްކަތްތައް ކަމަށެވެ.
އެގޮތުން ސެންޓްރަލް ރީޖަންގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އާރްޑީސީން މަޢުލޫމާތު ހިއްސާކޮށްފައިވާ ތިން ރަށަކީ އދ. މާމިގިލި، ނ. ހޮޅުދޫ، ދ. ކުޑަހުވަދޫ އެވެ.
އާރްޑީސީން ބުނީ މާމިގިލި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ރަށްދެބައި މަގުގައި ދުވާރު ސާފު ކުރުމުގެ މަސައްކަތާއި ގެވެހި މަގުގައި ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢުގެދަށުން މޫސާ ކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ކާމިނީ މަގުގައި ބެކް ފިލިންގގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާފަތްމަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ފަރީދީމަގުގައި މަގުބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.



