ފުރާޅު މައްޗަށް އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި ބެލެވެނީ ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން ރޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
އެގޮތުން ހާދިސާ ހިނގި ރޭގައި ޔުމްނުއާއެކު އިތުރު ހަތް މީހަކު އެ ގޭގައި ތިބި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި އެ އަންހެން މީހާއާއި އޭނާއާއެކު ހުރި އިތުރު ފިރިހެނަކު ވަނީ މަސްތުވާތަކެތީގެ ބާވަތެއްް ކަމުގައިވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ. އަދި ފިރިހެންމީހާގެ ޕާސްޕޯޓުވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގެ ސަބަބުން ޔުމްނުގެ ހާލު ދެރަވެ، މިދިޔަ ހޮނިހިރު ދުވަހު އޭނާ ވެންޓިލޭޓަރަށްލި ކަމަށް އައިޖީއެމްއެޗް އިން މީގެކުރިން ވަނީ ބުނެފައެވެ. ޔުމްނާ ވެންޓިލޭޓަރުން ނެގީ ރޭގައެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ، އާންމުކޮށް ހުޅުވާ ނުލައި، ނޫސްވެރިންގެ ފޯނާއި ކެމެރާތައްވެސް ނުވެއްދޭ ގޮތަށެވެ. އެއީ ހައްސާސް، ނާޒުކު ކޮންޓެންޓުތަކެއް އެ ބައްދަލުވުމުގައި ހިއްސާ ކުރުމަށް ހަމަޖެހިފައިވާތީ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



