އިންޑިއާގައި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު ޑިސެމްބަރު މަހު ގެންދިޔަ މުސްލިމް ފިރިހެނަކަށް، ޖަލުގައި އަނިޔާކުރި މައްސަލައެއްގައި ޕޮލިސް އިންސްޕެކްޓަރަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ހަރްޔާނާގެ ޕަލްވާލް ސިޓީ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރ ރާދޭޝްޔަމް ޝަރްމާ އެވެ. އޭނާ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރުމުގެ ކުރިން ސަސްޕެންޑު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ރާދޭޝްޔަމް ހައްޔަރު ކޮށްފައިވަނީ ރޭޖިސްތާނުގެ މީހަކު މިދިޔަ އަހަރުގެ ޑިސެމްނަރު މަހުގެ ތެރޭގައި ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
ރިޕޯޓުތަކުން ބުނިގޮތުގައި އާބިދް ނަމަކަށް ކިޔައި އެމީހާ ޕަލްވާލް އަށް ދިޔައީ ރަމްބީރް ނަމަކަށް ކިޔައި މީހެއްގެ ވާގިނެތިފައިވާ ބައްޕަ ބެލުމަށެވެ. އެ މަސައްކަތަށް ކޮންމެ މަހަކު 12،000 ރުޕީސް އާބިދްއަށް ދޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މުސާރަ ނުދިނުމުގެ ސަބަބުން އާބިދާއި ރަމްބީރްގެ މެދުގައި ދެބަސްވުން އުފެދި، ރަމްބީރް ވަނީ ފުލުހަށް ގުޅައި އާބިދް ހައްޔަރު ކޮށްފައި ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ފުލުހުން އާބިދް ދެއްކި ވާހަކަތައް އަޑު ނާހާ ކަމަށާއި، ޖަލުގައި ރާދޭޝްޔަމް އޭނާ ފާހަނާތެރެއަށް ގެންގޮސް ތިރިން ލާފައި ހުރި އަންނައުނު ބާލުވައި، އާބިދްގެ ދެއަތާއި ދެފައި ބަނުމަށްފަހު އޭނާއަށް އަނިޔާ ކުރި ކަމަށްވެސް އާބިދް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން އާބިދަށް ފެހި މިރުސް ބޯންދިން ކަމަށާއި އޭނާގެ ޖިންސީ ގުނަވަނަށް ވެސް އެތަކެތި ރާދޭޝްޔަމް އެޅި ކަމަށް ބުނެފައިވެއެވެ.
މިހާދިސާ ހިނގިތާ ހަތަރު މަސް ފަހުން ފުލުހުން ވަނީ އާބިދްގެ ޝަކުވާ ނޯޓުކޮށް، މައްސަލަ ބަލަން ފަށާފައެވެ. އަދި ސީސީޓީވީ ފުޓޭޖާއި، އެކި ފަރާތްތަކުގެ ބަޔާނާއި މެޑިކަލް ރިޕޯޓުތަކަށް ވެސް ބެލުމަށްފަހު، އެއީ ސައްހަ ތުހުމަތުތަކެއް ކަމަށް މިމަހުގެ 16ގައި ކަނޑައަޅާފައިވެއެވެ. ރާދޭޝްޔަމް ސަސްޕެންޑު ކޮށްފައިވަނީ ވެސް އެދުވަހުއެވެ.




