އިއްޔެއަކީ ދުނިޔޭގައި ފާހަގަކުރާ އާރތު ޑޭ އެވެ. މިދުވަހަށް ޚާއްސަކޮށް ”ގޫގްލް“ އިން އިއްޔެވަނީ ދުނިޔޭގެ ގުދުރަތީ ތިމާވެށިން ފާހަގަ ކޮށްލެވޭ އެންމެ ރީތި ސަރަހައްދުތައް ހިމަނައިގެން، ”ގޫގްލް“ ގެ ނަން ސިފަވާ ގޮތަށް ޑޫޑްލްއެއް ހާމަކޮށްފައެވެ.
އެގޮތުން ގޫގްލް ގެ ނަން ފެށޭ ކެޕިޓަލް ”ޖީ“ އަކުރުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ށ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އެރިޔަދޫ އަށެވެ. އެރިޔަދޫ އުފެދިފައިވާ ގޮތުން، ޗާޓުން ފެންނައިރު އޮންނަނީ ”ޖީ“ އަކުރެއްހެންނެވެ.
މާ ކަނޑުގެ މެދުގައި، ވަށައިގެން ވިލު ކުލައިގެ މޫދު ފެންނަން އޮތްއިރު، ސާފު ރީތި ހުދު ކުލައިގެ ވެލިގަނޑުވެސް ފެންނަން ހުރި އެރިޔަދޫގެ ފޮޓޯ އެހާމެ ޗާލެވެ.
ރާއްޖޭގެ ރަށްތަކަކީ އަބަދުވެސް ބޭރުގެ ގިނަ މީހުންނަށް ވަރަށް ކަމުދާ، އަދި އެމީހުން އަޖައިބުވާފަދަ ރީތިކަމެއް އުފެދިފައިވާ ރަށްތަކެކެވެ. ގޫގްލް ކަހަލަ ބޮޑު ކުންފުންޏަކުން، ރާއްޖޭގެ ޖަޒީރާ ރަށެއް އެމީހުންގެ ކުންފުނީގެ ރަށް ހިމެނުމަކީ ހަމަގައިމުވެސް ދިވެހިންނަށް ލިބޭ ޝަރަފެކެވެ.




