ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސަކަށް މުޙައްމަދު މުޖުތާޒް އައްޔަނު ކުރަން، އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަނު ކުރިއިރު، އެ ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަނު ކޮށްފައިވަނީ މިމަހުގައެވެ.
އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފެށުމާ ގުޅިގެން، އޭނާ މިދިޔަ މާރިޗް މަހު އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.
ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަނު ކުރުމަށް ރައީސް މުޢިއްޒު ފޮނުއްވާފައިވާ ސިޓީ، މިއަދުގެ މަޖިލިސް ތަޅުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވަވާދެއްވާފައެވެ.
މުޖުތާޒަކީ މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗެލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ މަޖިލީހުގައި، ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް މުޖުތާޒް ކުރެއްވިއެވެ.


