ސިޔާސީ ޕާޓީއަށް ވަންނަން އެދި ފުރާ ފޯމުގައި ހެކިވެރިން ސޮއިކުރަނީ ފޯމުގައި ހުންނަ މައުލޫމާތު ޔަގީންކޮށްފައި ކަމަށާއި އެކަން ކުރާއިރު ފޯމު ފުރި މީހާ އެ ތަނުގައި ކޮންމެހެން ހުންނަން ނުޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަަށް މިނިސްޓަރ އިހުސާން ވަނީ މަޖިލިހަށް ހާޒިރު ކޮށްފައެވެ.
އެގޮތުން ހޯމްލޭންޑް މިނިސްްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހްސު އޮޅުވާލައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް މެމްބަޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅުތަކެއް އެޅިތޯ މެންބަރު މީކާއިލް ވަނީ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ، އެއްވެސް ޕާޓީއަކަށް މީހުން ވައްދާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރާ ހަވާލުވެ ބެލިބެލުމުން 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގައި ދަށުގައި ހުރި ޑޭޓާބޭސްތައް ލީކުވެ، ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ ބޭނުންކުރަމުން އަންނަކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެގޮތުން ސިސްޓަމް ތެރޭގެ އެކްސެސް ލޮގުތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށް، ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



