ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އަޕްގްރޭޑްކުރުމަށް ނިންމާފައިވާ 3 ހޮސްޕިޓަލަކީ ޅ. ނައިފަރު ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވާ ދެ ކުންފުންޏަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 7,711,200.00 އެެވެ.
އަދި އެ މަސައްކަތް ނިންމަން އާރްޑީސީއަށް ދީފައި ވަނީ އެއް އަހަރު ދުވަހެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 161،245،343.52 ރ. އެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މީގެ އިތުރުން ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
އެ ޕްރޮޖެކްޓުގެ އަގަކީ ޕްރޮޖެކްޓުގެ އަގަކީ 147،437،634.24 ރ. އެވެ.
އެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހު ޢަލީ ނަޞީރެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.




