ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ކުޑަގިރީގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެގޮތުން ކެފޭ ހިންގަން 1541.71 އަކަފޫޓުގެ ބިމެެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ފުރަތަމަ އަހަރަށް ކުއްޔަށް ދޫކުރާނީ އަކަފޫޓަކުން އަކަފޫޓަކަށް 15ރ ރޭޓުން މަހަކު 23،125.65 ރުފިޔާ އަށް ކަމަށް އެޗްޑީސީން ބުނެފައި ވެެެެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގައި ކެފޭއެއް ހަދަން 308,342ރ ގާތްގަނޑަކަށް ހަރަދުވާނެ ކަމަށެވެ.
މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ކުރިން ބާއްވާ ބިޑުގެ ޕްރީ ޕްރޮޕޯސަލް މީޓިން އޮންނާނީ އޭޕްރީލް 27 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ. އަދި ޕްރޮޕޯސަލް އަށް ހުޅުވާލާނީ މެއި 13 ވާ ދުވަހު މެންދުރު ފަހު އެޗްޑީސީގެ މައި އޮފީހުގައެވެ.
ކުޑަގިރިއަކީ މާލެ ކައިރިން ދަތުރު ދިއުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެވެސް ބޮޑެތި އެހީތަކާއެކު ފަޅެއް ހިއްކައިގެން ތަރައްްގީކޮށްފައިވާ ރަށެކެވެ.
އެ ރަށުން ދަތުރުދާ ރަށަކުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް ވަނީ ފުރިހަމަކޮށްފައެވެ. ރަށުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ އާއި ކުޑަކުދިންނަށް ޚާއްސަ ޕާކަކާއި ރީޑިން ކޯނާފަދަ ތަންތަންވެސް ހިމެނެއެވެ.
މީގެ އިތުރުން އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތްވެސް ހިމެނެއެވެ.




