ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑު މެމްބަރުކަމުގެ މަގާމުން އަހްމަދު އަލީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޑީބީއެމްއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކެވެ.
އެ ބޭންކުގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު އަލީ، މަގާމުން އިސްތިއުފާ ދެއްވައިފިކަން ހާމަވެފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓަކުންނެވެ. އެގޮތުން ޕީސީބީން ބުނެފައިވަނީ ޑީބީއެމްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު އަލީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވާފައިވުމާ ގުޅިގެން، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަހްމަދު މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ނޮއެލް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމުގައި ޕީސީބީން ހާމަކުރީ މިދިޔަ މާރިޗް މަހުގެ 23 ވަނަ ދުވަހު އެވެ.
ޑީބީއެމްގެ ބޯޑު މެންބަރުކަމުން އަހުމަދު އަލީ ވެސް އިސްތިއުފާ ދެއްވުމާއެކު މިހާރު އެ ބޭންކުގެ ބޯޑުގައި ތިއްބަވަނީ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އަދި ރޮބަޓް ޑެނިއަލް ކާންޓެވެ. ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކަ އެވެ.



