އިމާރާތަކުން ފުރާޅެއްގެ މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ޚާއްސަ ކޮމިޓީން އިންކުއަރީއެއް ހެދުމަށް މަޖިލީހުގެ އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން އެދިލައްވައިފިއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި، އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކި އިތުރު ހަތް މީހަކު ތިބި ކަމަށާއި، ކުރިން އެހެން ގެއެއްގައި ތިބުމަށްފަހު ޔުމްނުއާ އޭގެތެރެއިން އިތުރު ބަޔަކު މި ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރުކަމަސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާ އިތުރު ފިރިހެނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޔުމްނުގެ ނަމާއި އުމުރު ފުލުހުން ހާމަކޮށްފައިވީނަމަވެސް އޭނާއާއެކު ހުރި އިތުރު އެއްވެސް ބައެއްގެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުންނާއި އެގޭގެ ވައިގޮޅިވެސް ހުރި ގޮތުން ފުރާޅުމައްޗަށް ވެއްޓޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެއިތުރުން މިކަމާ ގުޅޭގޮތުން ފުލުހުން ބައެއް ކަންކަން ސިއްރުކުރާ ކަމަށް ބުނެ ތުހުމަތުކޮށް، ގިނަ ބަޔަކު ވަނީ އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި މިއީ ރާއްޖޭގައި ނުފޫޒުގަދަ ބައެއް އާއިލާތަކުގެ ދަރިންތަކެއް ޝާމިލުވާ މައްސަލައަކަށްވާތީ، ބައެއް ކަންކަން ސިއްރު ކުރުމުގެ ގޮތުން ފުލުހުން އޮޅުވާލަމުންދާ ހާދިސާއެއް ކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ގިނަ ބަޔަކު ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އެޑްރެސް ކުރައްވާ މެންބަރު އަޒާން މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މި މައްސަލައަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ހައްސާސް މައްސަލައަކަށްވެފައި، ފުލުހުން މިކަމާ ގުޅޭގޮތުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރި ކަމާއެކުކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދެއްވުމަށް އަޒާން އެދިލައްވާފައިވެއެވެ.




