ރައީސް އޮފީހުގެ އިސްމަގާމުތަކުގައި ހުންނެވި ދެ މީހަކަށް މިއަދު ފިޔަވަޅު އަޅައިފިއެވެ.
އެގޮތުން ފިޔަވަޅު އަޅާފައިވަނީ އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން އަށާއި އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު އަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން އެ މަގާމުން ވަކިކޮށްފައިވާ ކަމަށާއި އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
އިޒްދިއާން މިއަދު އެ މަގާމުން ވަކިކޮށްފައިވާއިރު، ޕާޓީ ކުރިކަމަށާއި އެހެން ބޮޑެތި ތުހުމަތުތަކަކާއެކު ގިނަ ބަޔަކު އޭނާއަށްދަނީ ފާޑުކިޔަމުންނެވެ.
އިމާރާތަކުން ވެއްޓި ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ހައްވާ ޔުމްނުއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، އެ ކުއްޖާ ވެއްޓުނީ އެރޭ އޮތް ’ޕާޓީއަކަށް‘ ފަހު ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް ކަމަށެވެ.
ފުލުހުން ހާމަ ކުރި ގޮތުގައި ހާދިސާ ހިނގި ރޭ 12:30 އެހާކަންހާއިރު އަށް ޒުވާނުން ވަނީ ޕާޓީއަކަށް ގޮސްފައެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅުކަން ފަހުން ވަނީ އެނގިފައެވެ. އެކަމަކު، ގެކޮޅުގައި ކަމެއް ހިނގި ނަމަވެސް މައްސަލައަށް ނުފޫޒު ވެސް ނުފޯރުވާ ކަމަށާއި އެކަން ހިނގިކަން އެނގުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އެ ޕާޓީގައި ރައީސް އޮފީހުގައި މަސައްކަތްކުރާ ބަޔަކު މަސައްކަތްކުރި ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް، ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވު ދާއޫދު އަހުމަދާއި އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ޕާޓީކުރާ ކަމަށް ބެލެވޭ ވީޑިއޯތަކެއް މީސްމީޑިއާގައި ހަލުވިކަމާއެކު ދަނީ ދައުރުވަމުންނެވެ.
މިފަދަ ކަންތައްތަކެއް ހާމަވެ، އަޑުތައް ފެތުރިފައިވުމުން ގިނަ ބަޔަކު ވަނީ އެމީހުންނާމެދު ފިޔަވަޅު އަޅަން ގޮވާލައި މަގާމުތަކުން ވަކިކުރުމަށް ވެސް ގޮވާލާފައެވެ.



