މިދިޔަ ހުކުރު ދުވަހު ހެނދުނު އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލު ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދިއްޖެއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި، އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކި އިތުރު ހަތް މީހަކު ތިބި ކަމަށާއި، ކުރިން އެހެން ގެއެއްގައި ތިބުމަށްފަހު ޔުމްނުއާ އޭގެތެރެއިން އިތުރު ބަޔަކު މި ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރުކަމަސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާ އިތުރު ފިރިހެނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެނގިފައިވާ ގޮތުގައި އެމީހަކީ ރައުދު އަހުމަދު ޒިލާލް އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޔުމްނު އާއި ރައުދު، މި ހާދިސާ ހިނގި ގެއަށް ވަންނަ މަންޒަރާއި އެ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި އަށްވަނަ ފަންގިފިލާގައި އުޅޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް ހިއްސާ ކޮށްފައިވެއެވެ. އަދި ފަހުން ޔުމްނު ނުފެނިގެން ރައުދު ހޯދަން އުޅޭ މަންޒަރާއި އެގެއިން ނިކުމެގެންދާ މަންޒަރުވެސް އެ ފުޓޭޖުން ފެންނަން ހުއްޓެވެ.
އެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ރައުދު ހައްޔަރު ކުރުމުގެ ކޯޓު އަމުރަކަށް މިހާރު އެދިފައިވާނެ ކަމަށެވެ.




