ޒުވާނުންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އެކުލަވާލި ޔޫތު އެޑްވައިޒަރީ ކައުންސިލްގެ ރައީސްކަމުން ދާއޫދް އަހްމަދު ޒިލާލް ވަކިކޮށްފިއެވެ.
އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައެއް ހޫނުވެފައިވަނިކޮށް، މިހާތަނަށް އެ މައްސަލައިގެ ތަހުގީގުން އެނގުން ގޮތުގައި އެރޭ އެ އަންހެންކުއްޖާއާއެކު އެ އިމާރާތަށް ވަދެފައިވަނީ ދާއޫދްގެ ކޮއްކޮ ރައުދު އަހްމަދު ޒިލާލް އެވެ. މި މައްސަލައާ ގުޅިގެން ރައުދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ހައްޔަރު ކުރުމުގެ ކޯޓު އަމުރަކަށް ވެސް ފުލުހުން މިހާރު ވަނީ އެދިފައެވެ.
މި ހާދިސާގައި ފުރާޅެއްގެ މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި ރައުދު ވެސް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީންއަށް ބޮޑުބޭބެ ވިދާޅުވާ ރައުދުގެ މި މައްސަލައާއެކު، ދާއޫދްވެސް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރާކަން ދައްކުވައިދޭ ވީޑިއޯތަކެއް މީސްމީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ދާއޫދް މަގާމުން ވަކި ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
ރައީސް އޮފީހުގެ ޔޫތު އެޑްވައިޒަރީ ކައުންސިލުގެ ރައީސް ކަމުން ދާއޫދް ވަކިކޮށްފައިމިވަނީ، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި އޭގެ ކުރިން ރައީސް އޮފީހުން މިއަދު ވަނީ އެ އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ކަމުގެ މަގާމުން، މުސާރަ ނުލިބޭ ގޮތަށް ދާއޫދް ސަސްޕެންޑު ކޮށްފައެވެ.




