ގެއެއްގެ ފުރާޅުމައްޗަށް އަންހެންކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން އެ މަައްސަލައިގައި ހިމެނޭ 8 މީހަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހ. އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު 21 އ އެވެ.
ފުލުހުންގެ ތަހުގީގަށް ސީސީޓީވީ ވީޑިއޯ ފުޓޭޖުތަކުގެ އެހީގައި ދެނެގަނެވިފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެންމެފަހަށް އޭނާ އާއެކު ހެންވޭރު ގެއެެއްގެ ތެރޭގައި ހަރަކާތްތެރިވެފައި ވަނީ ރައުދު އަހުމަދު ޒިލާލް، 21އ އެވެ.
އެގޮތުން ރައުދު ހިމެނޭހެން އެ ހާދިސާއާ ގުޅުން ހުރި 8 މީހަކާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
އަދި އެ މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް ނަވީން ވިދާޅުވި އެވެ.
އެ 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒު
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި ، ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް، ގދ. ފަރެސްމާތޮޑާ




