އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ފާގަތިކަމަށް ކުރެވޭ ޚަރަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާން އަންހެނުން ހޯދަމުން އަންނަ ކާމިޔާބީ މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރެވޭނެ، އަދި އިނޮވޭޝަން، ޑިޖިޓަލް ޓްރާންސްފޯމަޝަންގައި ޤައުމު ބިނާކުރުމަށް ބާރުވެރިވާ މާޙައުލެއް އުފެއްދުމަށް އެންމެން ޝާމިލުވާ މުޖުތަމަޢެެއް ބިނާކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތަޢުލީމާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ފާގަތިކަަމާއި މުސްތަގުބަލަށް ކުރެވޭ ޚަރަދެއް ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.




