ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތް ކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ތަހުގީގު ނުދަނީސް، ހާދިސާ ހިނގައިދިއަ ގޮތް ކަމަށް ދޭހަވާނެ ފަދަ ގޮތަކަށް މައުލޫމާތު ހިއްސާ ކުރުމަކީ ފުލުހުންނާ މެދު އާންމުންގެ އިތުބާރު ގެއްލި ތަހުގީގުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭނެ ފަދަ ކަމެއް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފިއެވެ.
އެޗްއާރްސީއެމް އިން މިހެން ބުނެފައިމިވަނީ، މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައަކާ ގުޅިގެން އެކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
މި މައްސަލައިގައި، އޭނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުން ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ ބޮޑެތި ތުހުމަތުތަކަށް އެ ކޮމިޝަނުގެ ތަހުގީގުގައި ރިއާޔަތްކުރާނެ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
އެޗްއާރްސީއެމުން އިތުރަށް ބުނީ މިކަންކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން އެ ކޮމިޝަނުން ވަނީ، އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައި ކަމަށެވެ. އެގޮތުން އެ އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދު ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމުގައި ފާހަގަކުރިއެވެ.
”ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް“ އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހާއި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖް އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމުގަ އެވެ. އެކަމުގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ހިތާމަވެރި ކަމެއް ކަމުގަ އެވެ.




