ދޮގާއި ފިތުނަ ހުއްޓުވަން ދިވެހި ފުލުހުން އަވަހަށް މައުލޫމާތު ހިއްސާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގެންފައި ވަނީ ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މިގޮތަށް އެދިވަޑައިގެންފައި ވާއިރު މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު އާންމު ރައްޔިތުންނާއި އެޗްއާރްސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ގިނަ ބަޔަކު ވަނީ އެ ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުންގެ މުއައްސަސާއާމެދު ސުވާލު އުފައްދާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިހާރަށް ވުރެ ވެސް ގާތުން ދެފުށް ފެންނަ ގޮތެއްގައި އަވަސް މިނުގައި ފުލުހުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު ކަމަށާއި ރައްޔިތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރާ އިތުބާރު ދެމެހެެއްޓުމަށް އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.
”ފުލުހުން ކުރާ މަަސައްކަތްތައް ރައްޔިތުންނަށް އެނގެން ޖެހޭ، މިހާރު އަމަލުކުރަމުންދާ ތިބޭފުޅުންގެ ތެރޭގައި ހުންނަ އެކިއެކި އުސޫލުތަކަށް ޕްރޮސީޖާތަކަށް ބަދަލުތައް ގެންނަން ޖެހޭ“ ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނާ މައުލޫމާތު ހިއްސާކުރާ ގޮތަށް ފުލުހުންގެ މުއައްސަސާގެ ޕްރޮސީޖާ ބަދަލުކުރަން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ރައީސް ވަނީ ފިތުނަތަކުގައި ޖައްސާ ފުލުހުންގެ އަގު ވައްޓާލަން ކުރާ އެއްވެސް މަސައްކަތަކަށް ޖާގަ ދީގެން ނުވާނެ ކަމަށާއި މަޢުލޫމާތު ހިއްސާކުރުމުގައި އަވަސްވެގަތުމުން ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލަން ކުރާ މަސައްކަތުގެ ހުރަހަކަށް އެކަން ވާނެ ކަމަށް ވިދާޅުވެފައެވެ.



