މާތް ﷲ އަމުރުކުރައްވާފައި ވަނީ ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރުހުތުބާ ދެއްވާފައި ވަނީ ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު އެވެ.
”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.“ މި މައުޟޫއަށް ދިން ހުކުރު ޚުތުބާގައި ބުނީ ﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވައިފައި ވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށެވެ.
އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށާއި ބައިބައިވުމާއި ދެބަސްވުންތައް ﷲ ވަނީ ނަހީކުރައްވާފައި ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
”އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެ“ އެބަހީ: ތިޔަބައިމީހުންގެ ވެރިކަން ވެއްޓި، ބާރާއި ނުފޫޛު ނެތި ހިނގައިދާނެ“ ކަމަށް ﷲ ވަހީކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
މާތް ﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށާއި ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ﷲ އަމުރުކުރައްވާފައިވާ ކަމަށް ޚުތުބާއި ބުނެފައި ވެއެވެ.
”ތިޔަބައިމީހުން ޖަމާޢަތާއެކުގައިވާށެވެ! ބައިބައިވުމަށް ބިރުވެތިވާށެވެ! އެހެނީ ޝައިޠާނާ ގާތްކަން ކަށަވަރީ އެކަހެރި މީހާއާއެވެ. އޭނާ ދެމީހުންނާ ދުރުހެލިވުން ބޮޑެވެ. ސުވަރުގެއިން އެންމެ މަތިވެރި މަޤާމު އެދޭ މީހާ ޖަމާޢަތާ ވަކިނުވާހުށިކަމެވެ“. މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވިކަމަށް ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވި ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ﷲ ތަޢާލާއީ އޯގާވެރީންގެ މައްޗަށް އޯގާވެރި ރަސްކަލާނގެ ކަމަށާއި އެ ކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ މީހުންގެ ސިއްރުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ އެކަލާނގެއީ ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެ ކަމަށެވެ.
އަދި ﷲއީ ޢުޛުރުވެރިޔާގެ ޢުޛުރު ޤަބޫލުކުރާ މީހުންގެ ޢުޛުރު ޤަބޫލުކުރައްވާ ރަސްކަލާނގެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤު ކަމަށާއި މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށެވެ.
މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާ ކަމަށާއި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދޭ މީހާ ކަމަށާއި ތިމާގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ ހެޔޮކަން ބޮޑު ކަމަށް ރަސޫލާ ހަދީސްކުރެއްވި ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ވަނީ މުއްބާރު ނުކުރުމަށާއި އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލުމަށާއި ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް ނުވަތަ ހިތްހެޔޮ ކަމާއެކު އޭނާއަށް ޖަވާބު ދިނުމަށް އެދިފައެވެ.



