އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ މީހަކު ފުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވި ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައި މި ވަނީ މި މައްސަލައިގައި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ އަންހެނަކު ފުރާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އެ ވާހަަކަތައް ފަތުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިޓާޒުގެ ފުރާޅު މައްޗަށް ޒުވާނާ ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހ. އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު 21 އ އެވެ.
ފުލުހުންގެ ތަހުގީގަށް ސީސީޓީވީ ވީޑިއޯ ފުޓޭޖުތަކުގެ އެހީގައި ދެނެގަނެވިފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެންމެފަހަށް އޭނާ އާއެކު ހެންވޭރު ގެއެެއްގެ ތެރޭގައި ހަރަކާތްތެރިވެފައި ވަނީ ރައުދު އަހުމަދު ޒިލާލް، 21އ އެވެ.
އެގޮތުން ރައުދު ހިމެނޭހެން އެ ހާދިސާއާ ގުޅުން ހުރި 8 މީހަކާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަމުން އަންނަކަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
އަދި އެ މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް ނަވީން ވިދާޅުވި އެވެ.
އެ 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒު
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި ، ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް، ގދ. ފަރެސްމާތޮޑާ



