އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ބިލްޑް އެކްސްޕޯގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުން ކުރިއަށްގެންދާ ސްޓޯލުން އެ ކުންފުންޏާ ބެހޭގޮތުން މުހިންމު އެތައް މައުލޫމާތުތަކެއް ފޯރުކޮށްދެއެވެ.
މި އަހަރުގެ ބިލްޑް އެކްސްޕޯ ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން މި ހަރަކާތް އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.
މި ހަރަކާތުގައި އާރްޑީސީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައުލޫމާތު ދިނުން ހިމެނެއެވެ.
އާރްޑީސީގެ ޕްރޮޑަކްޝަންތަކާ ގުޅޭ މައުލޫމާތުވެސް އެ ކުންފުނީގެ ސްޓޯލުން ދެއެވެ. އެގޮތުން އެކުންފުނިން ތައްޔާރުކުރާ ގަލާއި ފެން ހިންދަން ބޭނުންކުރާ ޕަމްޕުތަކުގެ މައުލޫމާތު ދިނުން ހިމެނެއެވެ.
މީގެއިތުރުން އާރްޑީސީގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެ ކުންފުނިން މިވަގުތު ލިބެންހުރި ވަޒީފާތަކުގެ މައުލޫމާތު ވެސް އާރްޑީސީގެ ސްޓޯލުން ދަނީ ފޯރުކޮށްދެމުންނެވެ.
ސްކޫލް ނިންމާ ކުދިންނަށް ހުރި އިންޓާންޝިޕާއި އާރްޑީސީން ކުރިއަށްގެންދާ ”ބިނާވެށި“ ޕްރޮގްރާމާ ގުޅޭގޮތުން ވެސް އެ ކުންފުނީގެ ސްޓޯލުން މައުލޫމާތު ދެއެވެ. މިކަން ކުރިއަށްދާނީ އެކި އުމުރުފުރާއަށް ބަހާލައިގެން، ވިޔަފާރިވެރިންނާއި އާންމު ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ކަމުގައި އާރްޑީސީން ބުނެފައިވެއެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގައި، ރިސޯޓުތަކަށް ބޭނުންވާ (އާރްޑީސީން އުފައްދާ) އުފެއްދުންތަކުގެ މައުލޫމާތުވެސް އެ ސްޓޯލުން ދެއެވެ.
ބިލްޑް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެކެވެ.
މިއަހަރުގެ ބިލްޑް އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި އިންޑިއާ، ލަންކާ ތައިލޭންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ.
ޖުމްލަ ހަތަރު ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00 އަށް ކުރިއަށްދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.




