ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމަށް ޔަހޫދީ އިޒްރޭލު ސިފައިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހަތިޔާރު ބޭނުންކުރަން ފަށައިފިއެވެ.
މިކަމާ ބެހޭގޮތުން ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން މިހާރުވަނީ އޭއައި-އިންފިއުސްޑް އޯޑިއޯ ވަސީލަތްތައް ވެސް ބޭނުންކުރަން ފަށާފައެވެ. މީގެ ބޭނުމަކީ، ހަމާސްއިން ކުރާ ފޯނު ކޯލުތައް ދެނެގަތުން ކަމުގައިވެސް އެ ރިޕޯޓުން ބުނެފައިވެއެވެ.
ރިޕޯޓުން ބުނެފައިވަނީ މިއީ މީގެ ދުހަ އަހަރު ކުރިން އުފައްދަން ފެށި ވަސީލަތްތަކެއް ކަމަށެވެ. ނަމަވެސް މި ވަސީލަތް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، ހަމާސްގެ ކޮމާންޑަރު ޖަބާލިއާ ބަތާލިއަން އިބްރާހިމް ބިއާރީ މަރާލަން އަމާޒުކޮށް ކަމުގައިވެސް ބުނެފައިވެއެވެ.
އުތުރު ޣައްޒާގެ ޓަނަލެއްގެ ތެރޭގައި ހުރެ ބިއާރީ ކުރި ފޯނު ކޯލެއް ލޮކޭޓުކޮށް، އިޒްރޭލުން އެއިރު ދިން ހަމަލާގައި ފަލަސްތީނުގެ 100 އަށްވުރެ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އާންމުންގެ އެތައް ބަޔަކު އެ ހަމަލާގައި ޝަހީދުވުމުން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން އިޒްރޭލާއި އެމެރިކާއިން ބުނެފައިވަނީ، އެފަދަ ވަސީލަތްތަކުގައި ވެސް މައްސަލަ އުޅޭ ކަމަށާއި އެކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެއަށްފަހު އެ ވަސީލަތް އިތުރަށް ތަރައްޤީ ކުރުމަށްފަހު، މިހާރު އަނެއްކާވެސް ބޭނުންކުރަން ފަށާފައިވާކަމަށް އިޒްރޭލުން މިހާރު ވަނީ ބުނެފައެވެ.



