މިޔަންމާއަށް ބާރުގަދަ އިތުރު ބިންހެލުމެއް އައިސްދާނެކަމަށް ލަފާކުރި ”ފަލަކީ އިލްމުވެރިއެއް“ ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހު މިޔަންމާއަށް އެރި ބާރުގަދަ ބިންހެލުމުގެ ބިރުވެރިކަމުން އަދިވެސް އެ ޤައުމުގެ ރައްޔިތުންނަށް އަރައިނުގަނެވިގެން އުޅެނިކޮށް، ޖޯން މޯއީ ނަމަކަށް ކިޔާ އުމުރުން 21 އަހަރުގެ، ފަލަކީ އިލްމުވެރިއެއް ކަމަށް ބުނާ އެމީހާ ޓިކްޓޮކްގައި ބުނެފައިވަނީ މިޔަންމާގެ ކޮންމެ ސިޓީއަކަށް ވެސް ކުރިއަށް އޮތް 12 ދުވަސް ތެރޭގައި އަރާނެ ކަމަށެވެ.
ޓިކްޓޮކްގައި 300،000 އަށްވުރެ ގިނަ ފޮލޯވަރުން ހުރި ޖޯންގެ މިވާހަކަތަކާ ގުޅިގެން، މިޔަންމާގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެހެންކަމުން އެފަދަ ވާހަކަތަކެއް ފެތުރީތީ މިޔަންމާގެ ފުލުހުން ވަނީ މިދިޔަ އަންގާރު ދުވަހުގެ ހެނދުނު ޖޯން ދިރިއުޅޭ ގެއަށް ގޮސް ރެއިޑްކޮށް، އޭނާ ހައްޔަރުކޮށްފިއެވެ.
ޖޯން ގެ އެ ވީޑިއޯގައި ބުނެފައިވަނީ، ކުރިއަށް އޮތް 12 ދުވަސް ތެރޭގައި މިޔަންމާއަށް ބާރުގަދަ އިތުރު ބިންހެލުމެއް އަންނާނެ ކަމަށާއި އެއްވެސް އުސްއިމާރާތެއްގައި އެކަކުވެސް ނުތިބުމަށެވެ. އަދި ބޭނުންވާ އެންމެ މުހިންމު ސާމާނުތަކާއެކު އެންމެންވެސް ސަލާމަތްކަން ހޯދަން ދުވެ ފިލުމަށްވެސް އޭނާ ބުނެފައިވެއެވެ.



