ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ ޝާހްރުކް ޚާންއާއި އަކްޝޭ ކުމާރް ވެސް، އެމީހުންގެ އެކްޓިންގް ކެރިއަރު ފަށާފައިވަނީ 1990ގެ އަހަރު ތެރޭގައެވެ.
މި ދެތަރިންނަކީ ވެސް ހުނަރުވެރި މޮޅު އެކްޓަރުންތަކެއް ކަމުގައި ގިނަ މީހުން ޤަބޫލު ކުރެއެވެ. އަދި ދެމީހުންނަށް ސަޕޯޓުކުރާ މީހުންވެސް އެހާމެ ގިނައެވެ.
ނަމަވެސް ކެރިއަރުގައި މިހާ ގިނަ ދުވަސްވެފައިވާއިރުވެސް، ޝާހްރުކްއާއި އަކްޝޭ އެކުގައި އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ. ދެމީހުން އެއްކޮށް ކިރިޔާވެސް ފެނިފައިވަނީ، ޝާހްރުކް ޚާނާއި، މަދޫރީ ދިކްޝިޓް އަދި ކަރިޝްމާ ކަޕޫރް އެކްޓު ކޮށްފައިވާ ”ދިލް ތޯ ޕާގަލް ހޭ“ ގައި ގެސްޓް އެޕައަރަންސެއްގެ ގޮތުގައި އަކްޝޭ ފެނުމެވެ. އޭގެކުރިންވެސް އަދި ފަހުންވެސް ޝާހްރުކްއާއި އަކްޝޭ އެކުއެކީގައި އޮން-ސްކްރީނުން ފެނިފައެއް ނުވެއެވެ.
ގިނަ ބަޔަކު ލަފާކުރި ގޮތުގައި މިއީ އެންމެ މޮޅު އެކްޓަރަށްވުމަަށްޓަކައި އެ ދެމީހުންގެ ހިތުގައި އޮންނަ ވާދަވެރިކަމެއްގެ ސަބަބުންވާ ގޮތެކެވެ. ނަމަވެސް ދާދިފަހުން ޝާހްރުކް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ބުނީ، އަކްޝޭއާއެކު އަދި މަސައްކަތެއް ނުކުރެވެނީ ދެމީހުންވެސް މަސައްކަތް ކުރަން ބޭނުންވާ ވަގުތު ތަފާތު ކަމަށްވާތީ ކަމަށެވެ.
އެގޮތުން އަކްޝޭ އަކީ ވަރަށް ހެނދުނާ ތެދުވެގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، ޝާހްރުކް މަސައްކަތު ދާއިރު އަކްޝޭ ހުންނާނީ ނިމިގެން ގެއަށްދާން ތައްޔާރަށް ކަމުގައިވެސް ބުންޏެވެ. އަދި ޝާހްރުކް އަކީ ރޭގަނޑު ލަސްވަންދެން ޝޫޓިންގަ އުޅޭ ހިތްވާ މީހެއް ކަމަށާއި ނަމަވެސް އަކްޝޭއަކީ އޭގެ އިދިކޮޅު ކަމުގައިވެސް އޭނާ ބުންޏެވެ.



