މިދިޔަ ބުދަ ދުވަހަކީ ފަހު ތާރީހެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސް ކަމަށާއި އެދުވަހު ކިރާފައިވާ މަހަށް 5.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 23 ވީ ބުދަ ދުވަހު 56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައެވެ. އަދި އެ ދުވަހު ކިރުވާފައިވާ މަހަށް މަސްވެރިންނަށް 5.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާދޫކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު 30 މަސްދޯންޏަކުން މަސްކިރުވާފައިވާ މަހަށް 5.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި 254 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 14.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.


