މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައާ ގާތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 788،650 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %7.5 އިތުރު އަދަދެކެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 733،577 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދުތައް 8 ލައްކައާ ގާތްވެފައިވާއިރު، މި އަދަދު ހަމަކުރަން ދެން ބޭނުންވަނީ 11،350 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތަކަށް އިތުރަށް ބަލާލާއިރު، މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކުވެސް ރާއްޖެއަށްވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ ފުރަތަމަ 23 ދުވަސްތެރޭ ރާއްޖެއަށް 156،232 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ %20.6 އުތުރު އަދަދެކެވެ.
އެވްރެޖްކޮށް ރާއްޖެއަށް މިހާރު ކޮންމެ ދުވަހަކު 6،793 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ. އެޤައުމުން އަހަރުގެ މިހާތަނަށް 85،469 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންގިރޭސިވިލާތުން ނެވެ. އެޤައުމުން އަހަރުގެ މިހާތަނަަށް 84،723 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ތިންވަނައަަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. އެޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 80،668 ފަތުރުވެރިންނެވެ.


