މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވޭ މަޖިލިސް ކަމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މެންބަރު މަމްދޫހު މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިންް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މެންބަރު މަމްދޫހު ވިދާޅުވީ ވިހިވަނަ މަޖިލީހަކީ އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރާ މަޖިލީހެއް ކަމަށާއި އެކަން އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެންބަރުންވެސް ފާހަގަކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުގެ އެންމެ ގިނަ މައްސަލަތައް ބަލަމުންދާ ކޮމިޓީއަކީ މިހާރުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ކަމަށާއި ނުފޫޒެއް އޮތްނަމަ އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތައް، ރައްޔިތުންގެ ފުށުން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކާއި އަދި ރައްޔިތުން އެދޭގޮތަށް ސަރުކާރެއް ބައްޓަންކުރުމަށް ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެ ގިނަ މަސައްކަތްތަކެއް ކުރެވިފައިއޮތް މަޖިލީހަކީ 20ވަނަ މަޖިލިސް،“ ފުނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުގެ މަޖިލީހަކީ މިނިވަން މަޖިލީހެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެމްޕީ މަމްދޫހު ވިދާޅުވިއެވެ.



