ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މިއަދު ވަނީ އަޑުފެތުރިފައެވެ. އެކަން ޔަގީންކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ އިރުކޮޅެއް ކުރިން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީޕީ ޝުޖާއުގެ އިސްތިއުފާ ހުށަހަޅުއްވާފައިވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ އިސްތިއުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައިމިވަނީ، ގެއެއްގެ ނުވަވަނަ ފަންގިފިލާއިން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއްގެ މައްޗަށް ވެއްޓުނު މައްސަލައިގެ ތަހުގީގު ފުލުހުން ހިންގަމުންދާ ގޮތާމެދު ގިނަބަޔަކު ނުރުހުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މާލޭގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން މި މަހުގެ 22 ވީ އަންގާރަ ދުވަހުގެ ރޭ ވަނީ ”ކްލޯސްޑް ޑޯ“ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި، އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. އަދި ޔުމްނު ހިމެނޭހެން އެ އެންމެންގެ ފޯނުތައް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު ވަނީ ހިފަހައްޓާފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އުފެދި، ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން މާލޭގައި ކޮންމެ ރެއަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި އެ މުޒާހަރާގައި ސީޕީ ޝުޖާއުގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ.
ޝުޖާއު މިއަދު އިސްތިއުފާ ދެއްވިނަމަވެސް، އިސްތިއުފާ ދެއްވި ސީދާ ސަބަބު އަދި ޔަގީންވެފައެއް ނުވެއެވެ.




