މިމަހުގެ 18ވީ ހުކުރު ދުވަހު އިރާކޮޅު، ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރައިފިއެވެ.
ޔުމްނު ފުރާފައިވަނީ ޔޫއެލް 318 ފްލައިޓުގައެވެ.
އެނގިފައިވާ ގޮތުގައި އިތުރު ފަރުވާއަށް ޔުމްނު ފުރާފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ. އެކަމުގައި އާސަންދައިން ވެސް ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް އާއިލާގެ ފަރާތުން ޕަވަރ އޮފް އެޓާނީ ހަވާލުކޮށްފައިވާ މޫމިން މައުމޫން އިއްޔެ ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ކުރިން ވިދާޅުވެފައިވަނީ، ޔުމްނު ވެއްޓިފައިވަނީ އަމިއްލައަށް، ފެންލައިޓަކުން ކަމަށެވެ. އަދި އޭނާ ވެއްޓުނުއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާއާއެކު އޭގެ ކުރީރޭ އުޅުނު ރައުދު އަހްމަދު ޒަލީލް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް މިކަމުގައި ސުވާލުތަކެއް އުފެދޭ ކަންތައްތަކެއް ހުރިކަމަށް ބުނެ، ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ ޒުވާނުންތަކެއް ދަނީ ކޮންމެ ރެއަކު މާލޭގެ މަގުތައްމަތީގައި މުޒާހަރާ ކުރަމުންނެވެ.
ފުލުހުން ފަހުން ހާމަކުރި ގޮތުގައި، ޔުމްނުއާއި ރައުދުގެ އިތުރުން، މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ”ޕާޓީ ކުރުމުގައި“ އިތުރު 7 މީހަކުވެސް އުޅުނެވެ. އެ 9 މީހުންގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސް، ޔުމްނު ފިޔަވާ އެންމެންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.




