މިމަހުގެ 18 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައިވާ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އަންގައިފިއެވެ.
އެގޮތުން އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންވެސް އުފެދިފައިވާ މިމައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއްނެރި، މިކަމާ ގުޅޭގޮތުން ޕީޖީ އައްބާސްގެ ފަރާތުން އިރުޝާދުތަކެއް ދެއްވާފައެވެ.
އެ އިރުޝާދުތަކަކީ:
° އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށް
° ގާނޫނީ އުސޫލުތަކުގެ ތެރެއިން، އެ ރޭ މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތުވާ މީހުންގެ ކުޑަކަމުދާތަކެތި ދޭން އަންގައި، އެ ތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެ ކަން ތަހުގީގުކޮށް ދައުވާކުރަން ފޮނުވަން
° ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް، ހާމަކަމާއެކު، ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް
° މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް
މީގެއިތުރުން މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް މި އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާ މެދު ވެސް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.




