ކޮމިޝަނަރ އޮފް ޕޮލިސްކަމުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށްފިއެވެ.
ޑީސީޕީ ނަވީންއާ އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައިމިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝުޖާއުގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ޔަގީންކޮށްދެއްވާފައެވެ.
ޝުޖާއުގެ އިސްތިއުފާއާ ގުޅިގެން، ސީޕީގެ މަސްއޫލިއްޔަތު ޑީސީޕީ ފަރުހާދު ފިކުރީއާ ހަވާލުކުރައްވާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން މިރޭ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މީގެކުޑައިރުކޮޅެއް ކުރިން، ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައިފައިވާ ކަމަށެވެ.
ސީޕީކަމުގެ މަގާމުގައި ހުންނެވި ޝުޖާއު މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ޔަގީންވެފައި ނުވިނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ މިމަހުގެ 18ވަނަ ދުވަހު އިމާރާތެއްގެ 9ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅިގެން، ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އޭނާގެ އިސްތިއުފާއަަށް ގޮވާލަމުންދާ ދުވަސްކޮޅެއްގައެވެ.




