ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފްތަރެއް އެކުލަވާލަން ނިންމައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ އެ މަރުކަޒުގެ މޭންޑޭޓުގައި ރާއްޖޭގައި ހިންގާ ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފްތަރެއް އެކުލަވާލުން ހިމެނޭ ކަމަށެވެ.
އަދި އެ ދަފުތަރު ބެލެހެއްޓުމަކީ އެ މަރުކަޒަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ދަފްތަރު އެކުލަވާލުމަށް، ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުން ގޫގުލް ފޯމް މެދުވެރިކޮށް، 5 މެއި 2025ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހެޅުމަށްް ޤުރުއާނާބެހޭ މަރުކަޒުން ވަނީ އެދިފައެވެ.
ފޯމު ފުރުމަށްފަހު ހުށަހެޅުމުން ދަފުތަރުކުރެވޭ ކުލާސްތަކަށް އެ މަރުކަޒުން ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަަށްވެސް ޤުރުއާނާބެހޭ މަރުކަޒުން ބުނެފައިވެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އިތުރުކުރުމެވެ.
މި ސަރުކާރުން ވަނީ ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޡުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޡުކަމުގެ އިމްތިޙާނު ހެދުމަށް އެދި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދިނުމަށްފަހު ހާފިޡުކަމުގެ ސަނަދުދެއެވެ.




