މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު އެ ސަމާލުގައި ހއ. އިން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 20:30 އިން ފެށިގެން މިރޭ މެންދަމު 2:30 އާ ހަމައަށެވެ.
އެ ސަމާލުގައި ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމީ ވިއްސާރައިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުމާއި،ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވެ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
މީގެ އިތުރުން މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



