މާދަމާގެ މަޖިލިސް ޖަލްސާއަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާޒިރުކުރަން ނިންމައިފިއެވެ.
މިނިސްޓަރު މުއްތަލިބު މާދަމާގެ މަޖިލިސް ޖަލްސާއަށް ހާޒިރުކުރަން ނިންމާފައި ވަނީ ދެ މެންބަރަކު ސުވާލު ކުރަން ހުށަހަޅާފައިވާތީ އެވެ.
އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިނިސްޓަރު މުއްތަލިބާއި ސުވާލު ކުރަން ހުށަހަޅާފައި ވަނީ ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް، އެ މަަސައްކަތް ނިމިފައިނުވާތީއެވެ.
އަދި ޅޮހީގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމުގެ މަސައްކަތްތައް ފެށޭނެ ތާރީހަކާއި މަސައްކަތްތައް ނިންމައި އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ތާރީހެއް ސާފުކޮށްދިނުމަށްވެސް ވަނީ ސުވާލުހަށަހަޅާފައެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް މިނިސްޓަރު މުއްތަލިބާއި ސުވާލު ކުރުން ހުށަހަޅާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން އެނގިފައި ވާއިރު އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައި ދިޔައިރު ނެތިގޮސްފައިވޭތޯ ސާފުކުރުމަށެވެ.



