ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔުންތަކުގެ ހާޑްކޮޕީތައް ނެތިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން އެނގިފައި ވާއިރު އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައި ދިޔައިރު ނެތިގޮސްފައިވޭތޯ މެންބަރު މީކާއީލު ވަނީ މިިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަަމަށެވެ.
އަދި އެއީ ޕޯޓަލެއް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ސްކީމެއް ކަމަށްވާތީ ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މަޢުލޫމާތު މިހާރުވެސް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމަކީ ޕޯޓަލެއް މެދުވެރިކޮށް ހިންގާ ސްކީމަކަށްވާތީ ގޯތި ލިބޭ މީހުންގެ ލިސްޓު ގެޒެޓްކުރެވި އެ މަޢުލޫމާތު މިނިސްޓްރީގެ ޕޯޓަލްގައި ރައްކާކުރެވިފައިވާ ކަމަށެވެ.



