މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށާއި އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ބައްދަލުވުންތަކެގެ ތެރެއިންނެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ރައީސް މުޢިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ހަލާލު ޓޫރިޒަމް އެވެ.
އެގޮތުން އަންނަ އަހަރު ބާއްވާ ”ވިޒިޓް މެލޭޝިއާ އެކްސްޕޯ“ ގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ހަލާލް ޓޫރިޒަމްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި ހަލާލް ޓޫރިޒަމްއާ ގުޅޭގޮތުން މެލޭޝިއާގެ ތަޖުރިބާ ރާއްޖެއާއެކު ހިއްސާކުރަން ތައްޔާރަށް ހުރިކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.



