މެލޭޝިޔާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ.
މިއީ ރާއްޖެ އިން ބޭރުގައި އެ ޙިދުމަތް ތައާރަފުކުރި ފުރަތަމަ ޤައުމެވެ.
އެ ޚިދުމަތް ތައާރަފުކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފެށުމުގެ ގޮތުން ޕާސްޕޯޓާއި އައިޑީކާޑު ހެއްދި ދެ މީހަކަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އެ ތަކެތި ހަވާލުކޮށްދެއްވާފައެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މާދަމާ އިން ފެށިގެން ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެލޭޝިޔާގައި މި ޚިދުމަތް މިހާރު ފަށާފައި ވާއިރު، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.



