ހުވަދޫ ކަނޑާ ހިސާބުން ދަތުރުކުރަނިކޮށް ގެއްލުނު ދޯނި، ”ކަށި ވާލި“ (ބްރިލިއަންޓް ކެރިއާ) ރޭ ފަތިހު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފަސް މީހުންނާއެކު ދަތުރުކުރި އެ ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން މައުލޫމާތުދޭ ކަމަށެވެ.
އެ ދޯނީގެ އިންޖީނު ހުއްޓިފައިވާ ކަމަށާއި ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.
މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި އެ ދޯނީގައި ތިބީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑުން ނުކުތްތާ މާގިނައިރުތަކެއް ނުވާ ކަމަށެވެ.
މި މައްސަލަ އިއްޔެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށް އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތް އެއިރުން ފެށިގެން ކުރަމުން ދިޔައެވެ.



