ރާއްޖޭގެ ރީތިކަމާއި ސަޤާފަތް ތަފާތުގޮތަކަށް އެރެބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ދައްކާލައިފިއެވެ.
މި ހަރަކާތް ދައްކާލީ، ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމް ފެއަރ ގައި، ސޫކް މަދީނަތު ޖުމައިރާގައި ހުންނަ ތިއޭޓަރ އޮފް ޑިޖިޓަލް އާޓްސް(ޓޮޑާ) ރޭގައި ބޭއްވި ”މޯލްޑިވިއަން އީވްނިންގް“ ހަރަކާތުގައެވެ.
އޭޓީއެމް ފެއަރ ގެ ފުރަތަމަ ދުވަސް ނިންމާލުމުގެ ގޮތުން ބޭއްވި ”މޯލްޑިވިއަން އީވްނިންގް“ ހަރަކާތުގެ ބޭނުމަކީ ބޭރުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ސަޤާފަތް ދައްކާލައި ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤުބޫލު މަންޒިލަކަށް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެކުވެރި މާޙައުލެއްގައި ފޯރުކޮށްދިނުމެވެ.
އެގޮތުން މި ހަރަކާތް ފެށުމުގެ ކުރިން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވަނީ، ޓޯޑާ ތީއޭޓަރ އެއްކޮށް ބައްލަވާލައްވާފައެވެ. މި ތަނަކީ ހުށެހެޅުމެއް ހުށަހަޅާއިރު އެ މަންޒަރުތައް މުޅި ހޯލުގެ ތެރެއިން ސިފަވާގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިއާއެކު ރާއްޖޭގެ މަންޒަރުތައް ދައްކާލި ވަގުތު މުޅި ހޯލު ތެރެއިން އެ މަންޒަރުތައް ކޮންމެ ދިމާލަކުންވެސް ފެނެއެވެ. މީގެ އިތުރުން ދިވެހި ސަޤާފަތް ފެންނަ ވީއާރް ރޫމެއްވެސް ހަރަކާތުގެ ބައިވެރިންނަށް ހާއްސަކޮށް ވަނީ ތައްޔާރުކޮށްފައެވެ.

ދިވެހި ސަޤާފީ ގިނަ ހުށެހެޅުންތަކާއި ފަންނުވެރިންގެ އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ، މޯލްޑިވިއަން އިވްނިންގްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތާރިޤު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދެނީ ރީތި ޤުދުރަތީ މަހައުލެއް އެކަނި ނޫން ކަމަށާއި އޭގެ އިތުރަށް ރާއްޖޭގެ މެހެމާންދާރީއާއި ސަޤާފަތްވެސް ތަޖުރިބާ ކުރުމަށް ފުރުސަތު ދެވިގެންދާކަމަށެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މިވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ދިވެހި ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށް އިސްތިރާޖީ ގޮތުން މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަޢުލޫމާތު އެއްކޮށްގެން މައުލޫމާތަށް ބިނާކޮށް މަސައްކަތްތަކެއް ކުރެވޭކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
އޭޓީއެމް ފެއަރ ކުރިއަށް ދާނީ އަންނަ މެއި މަހުގެ 1 އާ ހަމައަށެވެ.



