ހެކިބަސްދޭން އިންކާރުކުރީ، ކަމުގެ މައުލޫމާތު ނެތް މައްސަލައަކަށްވާތީ ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަޤާމުގައި މިހާރު ހުންނެވި ނަރީޝް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމަށް މީގެ ކުރިން ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާތީ، އެ ފާޑުކިޔުންތަކަށް ރައްދުދެއްވާ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ނަރީޝް ވިދާޅުވީ، މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ ހެޔޮބަސްއަހާ ގަބޫލުކޮށްގެން، ކަމުގެ މައުލޫމާތުނެތް މައްސަލައެއްގައި ހެކިބަސް ދޭން އޭނާ އިއުތިރާޒުކުރީ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ކްރިމިނަލް ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ނަރީޝް ވަނީ އިއްޔެ ކޯޓަށް އަންގާފައެވެ.
އެހެންކަމުން ނަރީޝް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރައްވާފައި ވާއިރު، ރައީސް ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކި ބަސް ނަގަން ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ.


