އައިޖީއެމްއެޗް ތެރޭގައި އަޑުގަދަކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން މީގެކުރިން ހައްޔަރުކުރި މީހަކު، އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ / މުޙައްމަދު ރަޒީން (49އ.) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރަޒީން ހައްޔަރު ކޮށްފައިވަނީ މާލޭ އިރަމާމަގުގައި ހުންނަ ކެފޭ އެއްގެ ބިއްލޫރި ރެކެއް މިމަހުގެ 27 ވަނަ ދުވަހު ތަޅާލި މައްސަލައަކާ ގުޅިގެންނެވެ. މި ހާދިސާ ހިނގާފައިވާ ގޮތުގެ ސީސީޓީވީ ފުޓޭޖެއްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
އެ ފުޓޭޖުން ފެންނަ ގޮތުގައި، މަގުމަތިން ހިނގާފައި ދަމުން ރަޒީން އެ ކެފޭގެ ތެރެއަށް ވަދެއެވެ. އަދި ކެފޭގެ ކައުންޓަރުގައި ހުރި ބިދޭސީއަކާ ނުރުހުންވެހުރެ ވާހަކަ ދެއްކުމަށްފަހު، ބިއްލޫރި ރެކުގައި ވަރަށް ބާރަށް ފައިންޖަހާ އެ ރެކުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތަނުންދާ މަންޒަރުވެސް ފެނެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެދުވަހު ހެނދުނު 8:56 ހަައިރެވެ. ނަމަވެސް އެއިރު މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގައި ކޯޓު އަމުރެއްގެދަށުން ރަޒީން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.




