އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެންޓިބަޔޮޓިކެއްގެ ހަތަރު ބެޗެއްގައި މައްސަލައެއް އުޅޭކަން ފާހަގަވެފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެ އޮތޯރިޓީން ބުނީ މެކްސްހީލް ފާމަސޫޓިކަލް އިންޑިއާ ލިމިޓެޑުންް އުފައްދާ އެމޮކްސިސިލެން ކެޕްސޫލްގެ ފޭކު ހަތަރު ބެޗެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާ ކަމަށެވެ.
އެގޮތުން ކެމަރޫން އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި މައްސަލަ ޖެހިފައިވާ ކަމަށް ފާހަގަވި ހަތަރު ބެޗުގެ ބޭސް ދައުރުވަމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަންގާފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
ޑަބްލިއުއެޗްއޯގެ އެންގުމާ ގުޅިގެން ބެލިބެލުމުން މިބޭހުގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.




