ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކުގައެވެ.
އެގޮތުން އެމްޑީޕީން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، މި މަހުގެ 18 ވަނަ ދުވަހު އިމާރާތަަކުން ޒުވާން އަންހެނަކު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމަށެވެ.
އަދި މި ހާދިސާގައި އާއިލާ ދެ ކުއްޖަކު ހިމެނޭތީ މިނިސްޓަރު ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވެެއެވެ.
އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ އެ ތުހުމަތުތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި މި ހާދިސާ ހިނގި ރޭ، އެމަނިކުފާނު ރާއްޖޭގައި ވެސް ނުހުންނަވާނެ ކަމުގައި މިނިސްޓަރ ވަނީ މީގެ ދުވަސްކޮޅެއް ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީން ބުނެފައިވަނީ، ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ހ ގައި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ގާނޫނުއަސާސީއާއި ގާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށާއި ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ހ ގައި އެއްވެސް މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނުވަތަ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.
އެހެންކަމުން އެ މައްސަލައިގައި އަމީން ވަކިކުރަން ހުށަހެޅީކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.



