ކުނި މެނޭޖުކުރާ ތަމްރީނު ޕްރޮގްރާމެއްގައި 14 ދިވެހިން އިންޑިޔާއަށް ފުރައިފި އެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަަރަންމަންޓް އިން ބުނީ، ކުނިމެނޭޖު ކުރުމަށް 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފަކު އިންޑިއާ އަށް ފުރާފައިވާ ކަމަށެވެ.
އެގޮތުން މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކުގެ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރާނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އައި.ސީ.ޑަބްލިއު.އެމް.އާރު، ޓީ.އީ.އާރް.އައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްއިން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ ފަރާތްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައިވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރެވޭކަން ކަށަވަރު ކުރުމުގެ ދާއިރާއިން ކަމަށެވެ.



