އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގައި ތަޤުރީރު ކުރައްވަމުންނެވެ.
އައި.އައި.ޔޫ.އެމް ގެ ފަރާތުން ”އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް“ ގެ ދާއިރާއިން އެ މަނިކުފާނަށް އެރުވި، ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު ތަޤުރީރުކުރައްވަމުން ރައީސް ވަނީ، ޒަމާނީ އިސްލާމީ ނަހަޟާއެއްގެ ތަސައްވުރު ހިއްސާކުރައްވާފައެވެ.
”އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން“ މި މަޢުޟޫއަށް ދެއްވި ތަޤުރީރުގައި ރައީސް ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފައެވެ.
އެ މަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީޚުން ފެންނާން ހުރި ކާމިޔާބީތަކަށް އިޝާރާތްކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
”އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގައި ނަގާކިޔާފައި ވަނީ އިސްލާމީ ޙަޞާރާތުން“ ރައީސް ވިދާޅުވިއެވެ.
އޭރު، ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވަރސިޓީތަކުގެ ވިއުގަތައް ޤާއިމުކޮށްފައި ހުރިކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ.
ޒަމާނީ، ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަންޖެހޭ ކަމަށާއި ސައިންސާއި އަޤީދާއަކީ ތަޢާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
”އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުން މުހިންމު“ ރައީސް ވިދާޅުވިއެވެ.
ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެންގެވުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތަކަށް އަލިއަޅުއްވާލައްވާ، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި އެ ޢަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ.
އިސްލާމް ދީނަކީ، އަމަން އަމާންކަމާއި، އޯގާތެރިކަމާއި، ޢިލްމާއި، ޢަދުލުއިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށްވެސް ޢިލްމު އުނގެނި، ކުރިއަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަޤުބަލެއް ޤާއިމުކުރެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.
އިސްލާމީ ހަޟާރަތުގެ މީރާހަށް ޙައްޤު ޝަރަފު ހޯދައިދޭން ޢަޒުމު ކަނޑައަޅައިފި ނަމަ، ޞިއްޙީ ދާއިރާގައްޔާއި، ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާތަކުގައިވެސް އިންޤިލާބީ ހޯދުންތައް ހޯދުމުގެ ފުރުޞަތު އެބައޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޕަހަންގްގެ ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާ އާއި، ޔުނިވަރސިޓީގެ އިސް އޮފިޝަލުންނާއި، މެލޭޝިއާގެ ތަޢުލީމީ ދާއިރާ ތަމްސީލުކުރާ އިސްވާރުން، ބައިވެރިވެވަޑައިގެންފައި ވެއެވެ.



