ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް މިއަދު އެ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރްއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.



