ކުރީގެ ކޮމިޝަންތަކާ ޚިލާފަށް ތަހުގީގުގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށް މާލޭގެ އިމާރާތެއްގެ މަތިން އަންހެންކުއްޖަކު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިންގައި ވާހަކަދައްކަަމުން އެ ކޮމިޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އިތުބާރު ނުކުރާ ކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތް ގޮސްފައިވާ ގޮތާމެދު ވިސްނާލުމުން އެ ކަމާ ހައިރާން ނުވާ ކަމަށެވެ.
އެގޮތުން އެއިން އެއްވެސް ކޮމިޝަނެއްގައި ކުރެވުނު ތަހުގީގެއް ރައްޔިތުންނާއި ހަމައަށް އައިސްފައިނުވާ ކަމަށާއި ހިމެނިފައި ވަނީ ވާނުވާގައި ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ނަމަވެސް ކުރީގެ ކޮމިޝަންތަކާ ޚިލާފަށް އެ ކޮމިޝަނުން ހަވާލުވެފައިވާ ތަހުގީގުގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޕްރެސްގައި މުނައްވަރު ވަނީ އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
”މިނިވަންކަމާ އެކު އަޅުގަނޑަށް މަސައްކަތް ނުގެންދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިއްޖެނަމަ އިސްތިއުފާ ދޭނަން“ މުނައްވަރު ވިދާޅުވިއެވެ.
އެ ކޮމިޝަން އުފެއްދެވުމަށް ރައީސް އުފެއްދެވި ގަރާރުގައި ވިދާޅުވެފައި ވަނީ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ މެމްބަރުން:
ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް، ހ. ހަބަރުގެ



