ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެގޮތުން، މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، hdcmaldives@ އަދި myhulhumalemv@ ޓެގް ކުރުމުގެ އިތުރުން LifeinHML# ހޭޝްޓެގް ބޭނުންކުރަންވާނެއެވެ. މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 08 މެއި 2025 އެވެ.
ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން، މި މުބާރާތުން އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000ރ. ދެވަނައަށް 5،000ރ. އަދި ތިންވަނައަށް 3،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000ރ. ދެވަނައަށްދާ ފަރާތަކަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



