މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި އެމްއެފްޑީއޭއާއެކު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވާހަކަދައްކަވަމުންނެވެ.
ޒާހިރު ވިދާޅުވީ ވިޔަފާރިތަކާއި ބައެއް އެމްބަސީތަކުން ވެސް އެ ގަވައިދު މިހާރު އޮތްގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ގަވައިދަށް ގެނެވެން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ކާބޯތަކެތި އިސްތިހާރު ކުރެވޭނީ އެމްއެފްޑީއޭގެ ހުއްދަ ނަގައިގެންނެވެ.
އެކަމާއި ގުޅިގެން ގޭގައި ކާ ތަކެތި ހަދައިގެން ވިއްކާ ފަރާތްތަކާއި ކުދި ވިޔަފާރިތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.




